ދިވެހިން އިސްލާމްދީން ބަލައިގަނތް ފަހުން މިވީ 900 އަހަރު ކާބަފައިން ސާބިތުކޮށްދިނީ ވަރުގަދަ ފިލާވަޅެއް ކަމަށާއި އެދިވަޑައިގަންނަވަނީ އަބަދުވެސް އެގޮތުގައި ތިބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެެއްޖެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި މައުމޫން ވިދާޅުވީ މިދިޔަ 900 އަހަރު ވެސް އޮތް ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ވަފާތެރި، އިސްލާމްދީނަށް ތެދުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ކާބަފައިން ވޭތުވެ ދިޔަ 900 އަހަރު ވެސް އެ ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ދިވެހިރާއްޖެއަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް އެ ބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވާ، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަކަ ނުދެއްވާ،" މައުމޫން ވިދާޅުވި އެވެ.

އިސްލާމްދީނަކީ ރާއްޖޭގެ ގައުމީ ބިންގާކަމަށާއި އެއީ ދިވެހި ގައުމިއްޔަތުގެ ބިންގާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެ [އިސްލާމްދީން] ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެެއްސޭނެ،" މައުމޫން ވިދާޅުވި އެވެ. 

ކޮންމެ އަހަރެއްގެ ޖުމާދުލް އާޚިރާ މަހުގެ ދެވަނަ ދުވަސް، "ރާއްޖެ އިސްލާމްވީ" ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުމަށް ފަހު މެދުކަނޑާލާފައި ވަނިކޮށް އެ ދުވަސް އަލުން ފާހަގަކުރަން ނިންމެވީ މައުމޫނުގެ ވެރިކަމުގަ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1954 ވަނަ އަހަރު އެވެ. އޭގެ ފަހުން ބައެއް އަހަރުތަކުގައި ފާހަގަކުރަމުން އައިސް 1967 ވަނަ އަހަރުން ފެށިގެން 2،000 ވަނަ އަހަރާ ހަމައަށް އޮތީ މެދުކެނޑިފަ އެވެ.