ރާއްޖޭގައި އެޅި ފުރަތަމަ މިސްކިތް ކަމަށް ބެލެވޭ ދަރުމަވަންތަ ރަސްގެފާނު މިސްކިތް: އިސްލާމް ދީނަށް ދިވެހިން ވަނުމަށް ފަހު އެހެން ދީނެއް މި ގައުމަކަށް ނާދޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އިސްލާމްދީނަށް އުޅެން ދިވެހިން ދަސްކުރި ގޮތް
ދިވެހިން އިސްލާމްދީން އިހުތިޔާރު ކުރުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދުދީނެވެ. ބުދުދީން މާނަ މިކުރީ ބުޑިޒަމާއި ހިންދޫޒަމް ހިމެނޭ ގޮތަަށެވެ. އެ ދެ ވައްތަރުގެ އާސާރުތައް ވެސް ރާއްޖޭގެ ރަށްރަށުން ވަނީ ފެނިފަ އެވެ.
ރާއްޖޭގެ ގޮނޑުދޮށްތަކާ ހަމަޔަށް އިސްލާމްދީނުގެ ނޫރު އައީ އަރަބި ދަތުރުވެރިންގެ ފަރާތުންނެވެ. އެއީ އަރަބިކަރަޔާއި އަސޭކަރަޔާ ދެމެދު ދަތުރުކުރި ދަތުރުވެރިންނެވެ. ތީމުގޭ މަހާކަލަމިންޖާގެ ރަސްކަމުގެ ދައުރުގައި އެރަދުން ރަސްމީކޮށް އިސްލާމްދީން އިހުތިޔާރުކުރެެއްވީ ހިޖުރީ ގޮތުން 548ގެ ރަބީއުލްއާޚިރު މަހުގެ ތެރޭގަ އެވެ. ދިވެހި ތާރީޚުގެ ބައްޕަ ކަމަށްވާ އަލްގާޒީ ހަސަން ތާޖުއްދީނުގެ ލިޔުއްވުމުން ވަކި ދުވަހެއް ޔަގީނެއް ނޫނެވެ. ތާރީހު ދީބާ މަހަލްގައި އަރަބި ބަހުން ފިލި ނުޖައްސަވައި އޭނާ ލިޔުއްވާފައިވާ ލިޔުއްވުމުން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަސްކަން އެނގެ އެވެ.
ފިލި ނުޖައްސަވާތީ 'އަސްނާ'ތޯ 'އިސްނާ'ކަން ކަށަވަރެއް ނޫނެވެ. އިސްނާ ނަމަ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އަސްނާ ނަމަ ރަބީއުލްއާޚިރު މަހުގެ ކޮންމެވެސް ދުވަހެކެވެ.
އިހުގެ ބައެއް އެދުރުންނަށް އެއީ 2 ރަބީއުލްއާޚިރު ކަމަށް ބުރަވެވޭތީ އެ ދުވަހަކީ އެއީ ކަމަށް ނިންމައިގެން ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މި އަންނަނީ ފާހަގަކުރަމުންނެވެ. ދޭއް ރަބީއުލްއާޚިރު ދުވަހަކީ އެ މަހުގެ ދުވަހަކަށް ވާތީ އަނެއް މާނަޔަށް ބުރަވުމަކުން ގޯހެއް ވެސް ނެތެވެ.
މި އަހަރުގެ އެދުވަސް ވަރަށް ޚާއްސަ އެވެ. ސަބަބަކީ މިއަދު، 13 ސެޕްޓެމްބަރު 2026، މި ދިމާވަނީ 2 ރަބީއުލްއާހިރު 1448އާ އެވެ. އެހެންކަމުން އެއީ ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭ ދުވަހެވެ.
ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތާއި ރާއްޖޭގެ ސިފަޔަށް ވިސްނާއިރު މުޅި ރާއްޖެ އެއްފަހަރާ ދީން ބަދަލުކުރުމަކީ ވަރަށް ދުރު ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ. އެހެންކަމުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް އިސްލާމްދީން ފެތުރެން އަހަރުތަކެއް ނަގާނެ އެވެ.
ދިވެހި ތާރީޚުގެ އެންމެ އިހުގެ ލިޔުންތަކަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. އެ ލިޔުންތަކުން އެކަމަށް ބާރު ލިބެ އެވެ. މިއީ ރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް 40 އަހަރު ފަހުން ލިޔުނު ލޯމާފާނުތަކެކެވެ. އޭގައި އިސްލާމްދީން ނޫން ދީނަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ޖާގައެއް ނެތްކަން ބަޔާންކޮށް ފައްޅިތައް މުގުރައި މިސްކިތްތައް ބިނާކުރަން ބާރުއަޅާފައިވެ އެވެ. އުރެދުންތެރިކަން އިސްކުރާ މީހުން ގަތުލުކުރެވޭނެ ކަމަށް ބަޔާންކުރި އެވެ. އެއީ ރަދުންގެ ޝާހީ އަމުރެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ގުދުރަތީ ތިން އަތޮޅު ކަމަށްވާ ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑު އަތޮޅަށް އިސްލާމްދީން ފެތުރުނީ މާލެއަށް ވުރެ ކުރިން ކަމަށް ބުނެވެ އެވެ. މިކަމަށް އިޝާރާތްކުރައްވައި 'އަލްއިސްލާހު' މަޖައްލާގައި ޝައިޚު ހުސައިން ސަލާހުއްދީން ވަރަށް މުހިންމު އަދި ވަރަށް ތާރީޚީ ލިޔުމެއް ލިޔުއްވި އެވެ.
ސުލްތާން ގަޑަނާދީއްތަ މަހާރަދުންގެ އަމުރުފުޅާ އެއްގޮތަށް ޣައިރު ދީންތަކުގެ އަސަރު ރާއްޖެއިން ފޮހެލި ފަހުން މި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހިން އުޅެފައެއް ނުވެ އެވެ. އެކަމަކު އޭގެ މާނަޔަކީ އިސްލާމް ދީނަށް ގޮންޖެހުންތަކެއް ކުރިމަތި ނުވުމެއް ނޫނެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރުމަތިން ގޮންޖެހުންތައް ކުރިމަތިވި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ފަހަރަކީ މީލާދީން 1558ގައި ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށް ނަސާރާ ދީނަށް އަނބުރަން 15 އަހަރު ވަންދެން މަސައްކަތްކުރި ކުރުމާއި މީލާދީން 1752ގައި ރާއްޖެ އަޅުވެތިކޮށްގެން އުތުރުކަރައިގެ މަލަބާރީން އުޅުނު ގޮތެވެ.
މަޝްހޫރު އިސްކަންދަރު އެއްވަނަ އަވަހާރަވުމުން އެރަދުންގެ ތުއްޕުޅު ދަރިކަލުން މުހައްމަދުގެ ނަންފުޅުގައި އެދަރިކަލުންގެ ލާދީނީ މަންމަ މީލާދީން 1687 އިން 1691އާ ދެމެދު ވެރިކަން ހިންގި ދުވަސްވަރު ވެސް ދިވެހިންގެ އަގީދާއަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ހިލާލީ ދަރިކޮޅުގެ ނުވަވަނަ ހަސަން ރަސްގެފާނު މީލާދީން 1552ގައި އިސްލާމްދީނުން ބޭރުވެ ނަސާރާދީން އިޚުތިޔާރުކޮށް އުތުރުކަރައިގެ ގޯވާގައި ހުރެގެން ދިވެހިން އެ ދީނަށް ވައްދަން ކުރި މަސައްކަތަކީ ވެސް ދިވެހިންގެ އަގީދާގެ ސާބިތުކަމަށް ކުރިމަތިވި ގޮންޖެހުމެކެވެ.
އެއިން ކޮންމެ ދުވަސްވަރެއްގައި ވެސް ނަސްރު ލިބުނީ އިސްލާމްދީނަށެވެ.
ދިވެހިން އިސްލާމްދީން އިޚުތިޔާރުކޮށް އިސްލާމުންގެ ގޮތުގައި އުޅޭތާ ހިޖުރީ ގޮތުން 900 އަހަރު ވީ އެވެ. މިހާ ދުވަސް ވީއިރު އުފެދުން އެންމެ އެކަށީގެންވާ ސުވާލަކީ ކުރީ ޒަމާނުގައި އިސްލާމްދީނަށް އުޅެން ދިވެހިން ދަސްކުރީ ކިހިނެއްތޯ އެވެ؟ އެއްވެސް ޝައްކެއްނެތި ދިވެހިންގެ ފުރަތަމަ ދީނީ އުސްތާޒަކީ ދިވެހިން އިސްލާމްވާން މެދުވެރިވި ބޭކަލެވެ: ފާރިސްކަރައިގެ ޔޫސުފް ތަބްރޭޒީ އެވެ.
ނަމާދާއި ރޯދަޔާއި ޒަކާތާއި ހައްޖާއި ޝަހާދަތުގެ ދެ ކަލިމަ ދަސްކުރީ އެކަލޭގެފާނުގެ އަރިހުންނެވެ. ދީނާއި ޝަރީއަތުގެ އަސާސްތައް ދަސްކުރީ ވެސް އެކަލޭގެފާނުގެ އަރިހުންނެވެ.
ތާރީޚު ދިރާސާކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ރާއްޖޭގައި އެންމެ އިހަށް އޮތީ މާލިކީ މަޒުހަބެވެ. ޝާފިއީ މަޒުހަބަށް އެނބުރުނީ އުތީމު ބޮޑު ތަކުރުފާނުގެ ރަސްކަމުގެ ދައުރުގައި ރާއްޖެއަށް އެނބުރި ވަޑައިގެންނެވި ދިވެހި އިލްމުވެރިއެއް ކަމަށްވާ ވާދޫ ދަންނަކަލޭގެފާނުގެ އިލްމީ މަސައްކަތްޕުޅުގެ ތެރެއިންނެވެ. އެކަމަކު މި ރިވާއަށް ބާރު ލިބޭ ހެއްކެއް ނެތެވެ. ހެކި ހުރީ އެންމެ ކުރީއްސުރެން ފެށިގެން ވެސް ރާއްޖޭގައި އޮތީ ޝާފިއީ މަޒުހަބުކަމެވެ.
ދިވެހިރާއްޖޭގައި ވަރަށް ފަހަކާ ހަމަޔަށް ވެސް ދީން އުނގަންނައި ދިނުމާއި ދީނުގެ މަގަށް މީހުން އަހުލުވެރި ކުރުމާއި ޝަރީއަތް ގާއިމުކުރުމުގެ ޒިންމާއަކީ ފަނޑިޔާރަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާއެކެވެ. އެހެންވެ ބޮޑެތި އާލިމުން އެ މަގާމު ފުރުއްވާފައިވެ އެވެ.
ދިވެހި ބަހުން އެންމެ ފުރަތަމަ ދީނުގެ ހުކުމްތައް ބަޔާންކޮށްފައި އޮތް ކަމަށް ފެންނަނީ ޅެން ބަހުރުވައިންނެވެ: މަޝްހޫރު 'ބޮޑު ތާހީދު' އެވެ. އިސްލާމް ދީނުގެ ފިލާވަޅުތައް ޅެމެއްގެ ގޮތުގައި ލިޔުއްވީ މީލާދީން 17 ވަނަ ގަރުނުގައި އެދުރު އުމަރު މާފަތްކަލޭގެފާނެވެ.
ދިވެހިން ދީނީ ކަންކަން 'ބޮޑު ތާހީދު'ން އުނގެނެމުން އައީ އަލް ޚަތީބު އަލީ ލިޔުއްވި 'ބޮޑު ތަރުތީބާ' ހަމަޔަށެވެ. އެއަށް ފަހު ނާއިބު ތުއްތު ވެސް އެކަހަލަ 'ތަރުތީބެއް' ލިޔުއްވި އެވެ.
ދީން އުނގެނުމަށް ދިވެހިން މިފޮތްފޮތަށް ބަރޯސާކުރަމުން އައި އައުން ނިމުނީ 'ތަޢުލީމު ދިޔާނާ'ގެ ނަމުގައި ޝައިޚު މުހައްމަދު ޖަމީލު ދީދީ ލިއުއްވި ފޮތް ބަޔާ ހަމައިންނެވެ.
ވިހި ވަނަ ގަރުނަކީ ރާއްޖޭގައި ދީނީ އިލްމުވެރިން ގިނަވާން ފެށި ދުވަސްވަރެކެވެ. އޭގެ ފަހުން 21 ވަނަ ގަރުނުގައި މި ފެންނަނީ ދީނީ އިލްމުވެރިންގެ ހިދުމަތް އަދި މާ ބޮޑަށް ފުޅާވެފައި އޮއްވަ އެވެ. މިހާރު ދީނީ މައުލޫމާތު ހޯދަން ދިވެހިންނަށް އުނދަގުލެއް ނޫނެވެ. ފޮތްތައް އެހާ ގިނަ އެވެ. ދީނީ ނަސޭހަތް ދިނުން ވެސް އެހާމެ އާންމެވެ.
ކޮމެންޓް