މީރާ ބިލްޑިން އަދި ކައުންޓަރު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބޭރުގެ އެޖެންސީތަކުން ޓެކްސް ނެގުމުގެ ކުރިން، ރާއްޖޭގެ އެތެރޭގެ ނިޒާމު އިސްލާހުކުރަންޖެހޭ
15 އޮގަސްޓް 2026ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއަ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ. މިއީ ހިދުމަތް ލިބިގަންނަ ގައުމުން ޓެކްސް ނެގުމުގެ އުސޫލު (ޑެސްޓިނޭޝަން ޕްރިންސިޕަލް) ގާނޫނަށް ތައާރަފުކޮށް، 1 އޮކްޓޫބަރުން ފެށިގެން އަމަލުކުރުމަށް އެކުލަވާލާފައިވާ އިސްލާހެކެވެ.
މި އިސްލާހާ އެކު ހުށަހަޅާފައިވާ މާލީ އަންދާޒާއިން ދައްކާ ގޮތުގައި، އަހަރަކު ގާތްގަނޑަކަށް 1.61 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ އެވެ. އެއީ ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް ބެލެވޭ 1.3 ބިލިއަން ރުފިޔާ އާއި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް ލަފާކުރާ 299.3 މިލިއަން ރުފިޔާ އެވެ. އަދި މިކަމުގެ އިދާރީ ހަރަދަކަށް އަންދާޒާކޮށްފައިވަނީ އެއްފަހަރާ ހިނގާނެ 2.8 މިލިއަން ރުފިޔާ އާއި އަހަރީ އިދާރީ ހިންގުމަށް ހިނގާނެ 5.1 މިލިއަން ރުފިޔާ އެވެ.
އުސޫލެއްގެ ގޮތުން މިއީ ރަނގަޅު ބިލެކެވެ. އައިއެމްއެފްގެ ދިރާސާއަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އެކޮމޮޑޭޝަން ބުކިންސްގެ ގާތްގަނޑަކަށް %70 ހަދަނީ ބޭރުގެ ޓުއަ އޮޕަރޭޓަރުން ނުވަތަ އޮފްޝޯ ޓްރެވަލް އެޖެންޓުން މެދުވެރިކޮށެވެ. އަދި އޭގެ ބޮޑު ބައެއް މިހާތަނަށް އޮތީ ޓެކްސްގެ އިމުން ބޭރުގަ އެވެ. ނަމަވެސް، ޓެކްސް ނެގުމުގެ ގާނޫނީ ހައްގު އޮތުމާއި އެ ޓެކްސް ހަގީގަތުގައި ނެގުމުގެ ގާބިލުކަން ހުރުމަކީ މުޅިން ތަފާތު ދެ ކަމަކަށް ވާއިރު، މި ބިލުގައި ވަނީ މި ދެކަންތައް އެކުވެ މަސްހުނިވެފަ އެވެ.
ގެއްލިގެން މިދަނީ ކޮން އެއްޗެއް؟
ބޭރުގެ ބުކިންއަކީ އެއް މުއާމަލާތެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެކަން ހިނގަނީ ދެ ގޮތަކަށެވެ:
1. ޕްރިންސިޕަލް މޮޑެލް
މި މޮޑެލްގެ ދަށުން ރިސޯޓުތަކުން ކޮޓަރިތައް ބޭރުގެ އޮޕަރޭޓަރުންނަށް ވިއްކަނީ ޑިސްކައުންޓް ކޮންޓްރެކްޓް ރޭޓެއްގަ އެވެ. އަދި އޮޕަރޭޓަރު އެ ކޮޓަރިތައް އަލުން އަނބުރާ ވިއްކަ އެވެ. މިހާރު ޓީޖީއެސްޓީ ހިނގަނީ ހަމައެކަނި މި ދެންނެވި ޑިސްކައުންޓް ރޭޓަށެވެ. މިކަމުގައި މަޖިލީހުން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ އައިއެމްއެފްގެ ހޯދުމެވެ؛ އެ ވިއްކާ ވިއްކުމުގެ ބޮޑު ބައެއް ވިއްކަނީ ރިސޯޓާ ގުޅުންހުރި ފަރާތްތައް (ރިލޭޓެޑް ޕާޓީސް)ގެ ޕްލެޓްފޯމްތަކަށެވެ. އެހެންކަމުން، ބޭރުގެ މާޖިންގެ ގޮތުގައި މި ދައްކަނީ ވިޔަފާރީގެ މިނިވަން މާހައުލެއްގައި އުފެދޭ ހަގީގީ ވިޔަފާރި ފައިދާއެއް (އާމްސް-ލެންތު މާޖިންއެއް) ނޫނެވެ. މިއީ ރިސޯޓާއި އޭގެ އެފިލިއޭޓް ކުންފުނިތައް ގުޅިގެން ރާއްޖޭގެ ޓެކްސް ނިޒާމުން ބޭރުކޮށްލާފައިވާ އަގެކެވެ.
2. އޭޖެންސީ މޮޑެލް
މި މޮޑެލްގައި ހިދުމަތް ފޯރުކޮށްދޭ ފަރާތަކީ ރިސޯޓެވެ. އެޖެންޓަށް ލިބެނީ ކޮމިޝަނެކެވެ. ފަތުރުވެރިޔާ އެޖެންޓަށް ފައިސާ ދެއްކުމުން، އެޖެންޓް ކޮމިޝަން ކެނޑުމަށް ފަހު ފައިސާ ފޮނުވާ ހާލަތްތަކުގައި، ރިސޯޓްތަކުން ޓެކްސް ދައްކަނީ ލިބޭ ނެޓް އަދަދަށެވެ. އެއީ ޖުމްލަ ވިއްކި އަގު (ގްރޮސް) ނޭނގޭ ކަމަށް ބުނެ އެވެ. އައިއެމްއެފްގެ ނަޒަރުގައި އޭޖެންސީ ކޮންޓްރެކްޓެއްގައި މުއާމަލާތް ހިނގަނީ ރިސޯޓާއި ފަތުރުވެރިޔާއާ ދެމެދުގަ އެވެ. އެހެންކަމުން، ރިސޯޓަށް ގްރޮސް އަދަދު އެނގެން ޖެހޭނެ އެވެ. ނުވަތަ އެއްބަސްވި ކޮމިޝަން ރޭޓުން އެ އަދަދު ހޯދޭނެ އެވެ.
މި ދެ މައްސަލައަށް ހައްލު ހޯދުމަށް އާ ގާނޫނެއް ކޮންމެހެން ބޭނުމެއް ނުވެ އެވެ. ޖީއެސްޓީ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ)ގައި، ގުޅުންހުރި ފަރާތްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގައި ބާޒާރުގެ އަގު (އޯޕަން މާކެޓް ވެލިއު) ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮށް، އެ އަގު ބަދަލުކުރުމުގެ ބާރު މީރާއަށް ދީފައިވެ އެވެ. އެ މާއްދާ ފުރިހަމައަށް ތަންފީޒުކޮށް، އޭޖެންސީ ބުކިންތަކުގައި ޖުމްލަ އަގުން (ގްރޮސް އަގުން) ޓެކްސް ބަޔާންކުރުވަން ފަށައިފި ނަމަ، ރާއްޖޭގައި ލައިސަންސް އޮވެ، އޮފީހާއި ބޭންކް އެކައުންޓް ހުރި ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން މި ފައިސާގެ ބޮޑު ބައެއް ހޯދޭނެ އެވެ.
އިތުރުވާ އަދަދު ބުނެލުމުގެ ބަދަލުގައި ހިސާބުޖަހާލަންވާނެ
މި އިސްލާހާ ގުޅޭ ގޮތުން 2022ގައި އައިއެމްއެފުން ތައްޔާރުކުރި ފަންނީ ދިރާސާއިން ދައްކާ ގޮތުގައި، މިއިން ލިބޭނެ ކަމަށް ލަފާކުރެވެނީ ޖީޑީޕީގެ ގާތްގަނޑަކަށް %0.2 އެވެ. އެއީ 2024ގެ ނޮމިނަލް ޖީޑީޕީ ކަމަށްވާ 108.7 ބިލިއަން ރުފިޔާއަށް ބަލާއިރު ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ އެވެ. އަދި ޓީޖީއެސްޓީ %12 އިން %17އަށް ބޮޑުވެފައިވާތީ އެ އަދަދު އަލުން ހިސާބުކުރުމުން އަރަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ސަރުކާރުން ހުށަހަޅާފައިވާ 1.61 ބިލިއަން ރުފިޔާއަކީ މިއަށް ވުރެ ގާތްގަނޑަކަށް ފަސް ގުނަ ބޮޑު އަދަދެކެވެ.
މީގެ މާނައަކީ މިހާރު ހުށަހަޅާފައިވާ އަންދާޒާ ގޯހެކޭ ނޫނެވެ. އައިއެމްއެފުން އަންދާޒާކޮށްފައިވަނީ ބޭރުގެ ވިއްކާ ފަރާތްތަކުގެ މާކްއަޕަކީ އެންމެ %5 ކަމަށެވެ. އެއީ ވަރަށް ދަށް މިންވަރެކެވެ. ޓުއަ އޮޕަރޭޓަރުންގެ ހަގީގީ މާޖިން މިއަށް ވުރެ އެތައް ގުނައެއް މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މައިގަނޑު މައްސަލައަކީ، މި ދެ އަދަދުގެ ދެމެދުގައިވާ ފަރަގަކީ ހަމައެކަނި ބަލާފައިވާ އަންދާޒާއަކަށް ވުމެވެ. އެހެންކަމުން އެ އަންދާޒާތައް މަޖިލީހަށް ހާމަވާން ޖެހެ އެވެ. އިތުބާރު ހުރި އަންދާޒާއެއްގައި، ޓެކްސް ނެގޭނެ ބޭސް، އަންދާޒާކުރި މާކްއަޕް، ޓެކްސް ރޭޓް، ގަވާއިދަށް ބޯލަނބާނެ ކަމަށް ލަފާކުރާ މިންވަރު އަދި ވިޔަފާރިތަކުގެ އަމަލުތަކަށް އަންނާނެ ބަދަލުތައް ސާފުކޮށްދޭންވާނެ އެވެ.
ޖުމްލަ 1.61 ބިލިއަން ރުފިޔާއަކީ ހިސާބުގެ ގޮތުން ލިބެން އޮތް އަދަދެއްތޯ ކަނޑައެޅޭނީ ޓެކްސް ނިޒާމު ފަރުމާކުރެވޭ ގޮތަކުންނެވެ. އައިއެމްއެފްގެ ލަފައަކީ، ބޭރުގެ ވިއްކާ ފަރާތުން ފުރިހަމަ ރީޓެއިލް އަގުން ޓެކްސް ނަގައި ރިސޯޓުން މިހާރު ވެސް ދައްކާފައިވާ ޓެކްސް ކެނޑުމެވެ (ކްރެޑިޓް ދިނުމެވެ). އެހެންކަމުން ދައުލަތަށް އަލަށް ލިބޭ ސާފު އާމްދަނީއަކީ ހަމައެކަނި ބޭރުގެ މާޖިންއަށް ނެގޭ ޓެކްސް އެވެ. ސަރުކާރުގެ އަންދާޒާ ބިނާކޮށްފައިވަނީ ބުކިންތަކުގެ ޖުމްލަ އަގަށް ކަމަށްވާ ނަމަ، އެ ގުނެނީ މިހާރު ވެސް މީރާއަށް ލިބެމުންދާ އާމްދަނީ އެވެ.
ވިޔަފާރިއަށް ބަދަލު: ޕެކޭޖުތަކަކީ ހަމައެކަނި ކޮޓަރިއެއް ނޫން
މިފަދަ ޓެކްސްއެއް ތައާރަފުކުރުމުން އޮޕަރޭޓަރުން ކޮޓަރި ގަތުމުގެ ބަދަލުގައި ކޮމިޝަން ހޯދާ މޮޑެލްއަކަށް ބަދަލުވެދާނެ އެވެ. ނުވަތަ ކޮންޓްރެކްޓް ރޭޓް ދަށްކުރުމަށް ފަހު، ޕެކޭޖުގެ އަގުގެ ބޮޑުބައި ވައިގެ ދަތުރުފަތުރާއި އިންޝުއަރެންސް އަދި ބޭރު ގައުމުތަކުގައި ކުރާ މާކެޓިން ހަރަދުތަކުގެ ތެރެއަށް ބަދަލުކޮށްލަފާނެ އެވެ. ފްރެންކްފަޓް ނުވަތަ ޝަންހާއީގައި ވިއްކާ ޗުއްޓީ ޕެކޭޖެއްގައި ފްލައިޓާއި ޓްރާންސްފާ، އިންޝުއަރެންސް އަދި ކްރެޑިޓް ހިދުމަތްތައް ހިމެނެ އެވެ.
އެހެންކަމުން، މިފަދަ ނިޒާމެއް ކާމިޔާބުވާނީ ޕެކޭޖުގެ ތެރެއިން ރާއްޖެއާ ގުޅޭ ބައި ވަކިކުރާނެ ސާފު މިންގަނޑެއް ކަނޑައެޅިގެންނެވެ. އެހެން ނޫން ނަމަ، ބޭރުގެ މާޖިން ދެނެގަތުމަށްޓަކައި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގެ އެކައުންޓިން ރެކޯޑުތައް އޮޑިޓްކުރަން މީރާއަށް މަޖުބޫރުވާނެ އެވެ. ހަގީގީ ފައިދާ ވަކިވަކިން އޮޑިޓްކުރުމަށް ވުރެ، ކުރިން ކަނޑައެޅޭ ވަކި މާޖިންއެއް ނުވަތަ ވަކި އަގެއް ކަނޑައެޅުން އަބަދު ވެސް މާ ނަތީޖާ ރަނގަޅުވާނެ އެވެ.
އެންމެ ބަލިކަށި ބަޔަކީ ތަންފީޒީ ތާވަލު
ބިލު ހުށަހެޅީ 15 އޮގަސްޓްގަ އެވެ. އަމަލުކުރަން ފަށަނީ 1 އޮކްޓޯބަރުގަ އެވެ. މިއީ އެންމެ 6 ހަފްތާގެ މުއްދަތެކެވެ. އޮސްޓްރޭލިއާއިން މިފަދަ ނިޒާމެއް ތައާރަފުކުރިއިރު، ބޭރުގެ ވިއްކާ ފަރާތްތަކަށް ތައްޔާރުވާން ދިގު މުއްދަތަކާއި ތަފްސީލީ އިދާރީ އިރުޝާދު ދިނެވެ. ނިއުޒީލެންޑުން އެކުލަވާލީ ޓެކްސް ނަގައި ދެއްކުމުގެ ގާބިލުކަން ހުރި ބޮޑެތި މާކެޓްޕްލޭސް ޕްލެޓްފޯމްތަކަށް އެ ޒިންމާ އުފުލަންޖެހޭ މޮޑެލެކެވެ.
މިކަން ނުރަނގަޅުކޮށް ކުރުމުގެ ގެއްލުން ޖަރުމަނުވިލާތުން ވަނީ ފެނިފަ އެވެ. އީޔޫން ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން މާޖިން ސްކީމް އުވާލަން 2021ގައި އިއުލާނުކޮށް، އަހަރުން އަހަރަށް ފަސްކޮށް 2024އާ ހަމައަށް ދިޔަ އެވެ. އަދި އެ ގައުމުގެ ޓެކްސް ކޯޓުން ނިންމީ ޓެކްސް އިދާރާގެ ލަފައާ ހިލާފަށް އެ ސްކީމް އެ ފަރާތްތަކަށް އަދިވެސް ހިނގާނެ ކަމަށެވެ. ނަތީޖާއަކަށްވީ ފަސް އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެއްވެސް އާމްދަނީއެއް ނުލިބުމެވެ.
މީގެ އިތުރުން، މި ބިލުގައި ޓޫރިޒަމް ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ އެއްވެސް ތްރެޝްހޯލްޑެއް (އާމްދަނީގެ އެންމެ ދަށް މިންވަރެއް) ނެތެވެ. ލަފްޒީ މާނައަށް ބަލައިފި ނަމަ، ރާއްޖެއަށް އެންމެ ޗުއްޓީއެއް ވިއްކާ ބޭރުގެ ކުޑަ އެޖެންޓަކު ވެސް ރަޖިސްޓްރީ ވާންޖެހެ އެވެ. ބައިނަލްއަގުވާމީ މިންގަނޑަކީ ލުއިފަސޭހަ އިލެކްޓްރޯނިކް ރަޖިސްޓްރޭޝަނަކާ އެކު، އެތައް ހާސް ކުދި ވިއްކާ ފަރާތްތަކުގެ ބަދަލުގައި މަދު ބޮޑެތި ޕްލެޓްފޯމްތަކަށް ޓެކްސްގެ ޒިންމާ އުފުލަން ލާޒިމުކުރުމެވެ.
މިހާރު ވެސް މާ ރަނގަޅު ވަސީލަތެއް އެބައޮތް
ފަތުރުވެރިކަމުގެ ގާނޫނަށް ޑިސެމްބަރު 2025ގައި ގެނައި އިސްލާހުގެ 33 ވަނަ މާއްދާ ބުނާ ގޮތުން، ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޓުއަ އޮޕަރޭޓަރެއްގެ އަތުގައި ފޮރިން ޓުއަ އޮޕަރޭޓަރު ލައިސަންސް އޮންނަން ޖެހެ އެވެ. އަދި ލައިސަންސް އޮތް ދިވެހި ޓުއަ އޮޕަރޭޓަރެއް މެދުވެރިކޮށް މެނުވީ ހިދުމަތް ނުދެވޭނެ ކަމަށާއި ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އޮންނަން ޖެހޭނެ ކަމަށް ބަޔާންކުރެ އެވެ.
މިއީ ޔޫރަޕާއި ޗައިނާގެ ކުންފުނިތަކަށް މީރާއިން ސިޓީ ލިޔުމަށް ވުރެ، ރާއްޖޭގެ އެތެރޭގައި ލައިސަންސް ދީ އަދި ބާތިލުކުރެވޭ ގޮތަށް އޮތް މާ ވަރުގަދަ ގުޅުމެކެވެ. މި އެއްބަސްވުމުގެ ދަށުން މުޢާމަލާތްތައް ރިޕޯޓްކުރުމާއި ޓެކްސް ދެއްކުމުގެ ޒިންމާ ލާޒިމުކޮށް، ޓެކްސް ހޯދުމުގެ ޒިންމާ ރާއްޖޭގެ އެފިލިއޭޓް ކުންފުންޏާ ހަވާލުކުރެވިދާނެ އެވެ. ހަގީގީ ސުވާލަކީ ބޭރުގެ ކުންފުނިތައް ރަޖިސްޓްރީ ވާންޖެހޭނެތޯ ނޫންތޯއެއް ނޫނެވެ. ސުވާލަކީ ޓެކްސް ހަގީގަތުގައި ނެގޭނެ ގޮތަކަށް ޓެކްސް ނެގުމުގެ ޒިންމާ މަތިކުރާނީ ކޮން ފަރާތަކަށްތޯ އެވެ.
ފުރަތަމަ ޓެކްސް ނެގުން، ދެވަނައަށް މިންކުރުން: ވިސްނުންތެރިކަމާ އެކު ގާނޫނު ހެދުން
ރަނގަޅު ތަރުތީބަކީ މާ އުނދަގޫ ކަމެއް ނޫނެވެ:
-
1-
ގުޅުންހުރި ފަރާތްތަކަށް ކޮޓަރި ވިއްކުމުގައި ބާޒާރުގެ އަގު ނެރުމާއި އޭޖެންސީ ބުކިންތަކުގައި ގްރޮސް އަގުން ޓެކްސް ދެއްކުން ތަންފީޒުކުރުން
-
2-
ޑައިރެކްޓް، އޭޖެންސީ އަދި ޕްރިންސިޕަލް މުއާމަލާތްތައް ވަކިކޮށް ދެނެގަނެވޭނެ ގޮތަށް ރިޕޯޓިން ވަރުގަދަކުރުން
-
3-
ލިބޭ މައުލޫމާތު ބޭނުންކޮށްގެން، ޓެކްސް ނުދައްކައި ހަގީގަތުގައި ބޭރުވާ މާޖިންގެ މިންވަރު ދެނެގަތުން
-
4-
އޭގެ ފަހުން، ކަނޑައެޅޭ ވަކި އަގަކާއި ގަވާއިދަށް ތަބާވާނެ މިންވަރަށް ބަލައި ތްރެޝްހޯލްޑަކާއި ބޭރުގެ ފަރާތްތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދީގެން ގާނޫނެއް އެކުލަވާލުން
މިއިން އެއްވެސް ކަމަކުން ބޭރުގެ ފަރާތްތަކުން ޓެކްސް ނެގުމުގެ މުހިންމުކަން ކުޑައެއް ނުވެ އެވެ. މިއީ ޓެކްސް ހަގީގަތުގައި ނެގޭނެ ގޮތް ހެދުމެވެ. ތިއަރީއެއްގެ ގޮތުން 1.61 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެ، ހާމަނުކުރާ މާކްއަޕަކާއި ތްރެޝްހޯލްޑެއް ނެތި އަދި އެންމެ 6 ހަފްތާގެ މުއްދަތެއް ދީގެން ފަށާ ފިޔަވަޅަކުން ލިބޭނީ އޭގެ ވަރަށް ކުޑަ މިންވަރެކެވެ. އަދި ރާއްޖޭގެ ފަޅިން ދައްކަންޖެހޭ ފައިސާ ދަށްކޮށް ދެއްކުން ކުރިއަށްދާނެއެވެ.
އަމާޒަކަށް ވާންވީ އެންމެ ބޮޑު ޓެކްސް ބޭސް އިއުލާނުކުރުމެއް ނޫނެވެ. އަމާޒަކަށް ވާންވީ އެންމެ ފަސޭހައިން ޓެކްސް ނެގޭނެ ފަދަ ނިޒާމެއް ފަރުމާކުރުމެވެ.
އެޑިޓަރުގެ ނޯޓް:
އިސްމާއިލް ޒަރިޔަންދަކީ ދައުލަތުގެ މާލީ ސިޔާސަތު، އޮޑިޓް އަދި ގަވަނަންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ސިވިލް ސާވަންޓެކެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަން އަދި އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ ވެރިޔާގެ މަގާމުގެ އިތުރުން، ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަންކަން އޭނާ ވަނީ ފުރުއްވާފަ އެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި ބަޖެޓް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން އެމްބީއޭ ހާސިލުކުރައްވާފައިވާ އޭނާގެ ލިޔުންތައް ހާއްސަވަނީ ދައުލަތުގެ މާލީ ނިޒާމާއި ލާމަރުކަޒީ ހިންގުން ހަރުދަނާކުރުމުގެ މައްޗަށެވެ.
ކޮމެންޓް